ޢީދަކީ މުޅިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ވަރަށް ތަފާތުކޮށް ފާހަގަކުރަމުން އަންނަ މުނާސަބަތެކެވެ. އެގޮތުން ރ ހުޅުދުއްފާރުގައި މިމުނާސަބަތު ފާހަގަކުރެވެނީ ވަރަށްވެސް ތަފާތު ގޮތަކަށްށެވެ.
ޢީދު ފެށިގެންދަނީ ޢީދު ހުއްދަ އަދި ޢީދު ހުޅާއި މާލި ޕެރޭޑަކުންނެވެ. އެއީ ހައްޖުދުވަހުގެ ރެޔެވެ. ޢީދު ދުވަހު ހެނދުނު ޢީދު ނަމާދު ކުރުމަށްފަހު ޢީދު ސައިފޮދު ބޮޑު ޖަމާއަތުގައި އޮވެއެވެ. އެއަށްފަހު ދެލިމާލި އަދި ކުޅިވަރު ހަވީރު ހަމަ އެދުވަހު އޮވެއެވެ. އަދި ބެރުޖެހުން ، ބަނޑިޔާ ޖެހުން ،ދަނޑިޖެހުން ، ފަދަ ސަގާފީ ކުޅިވަރު ހިމަނައިގެން އެރޭ ޝޯ އޮވެއެވެ.
ޢީދުގެ ދެވަނަ ދުވަސް ފެށިގެންދަނީ ހެނދުނު ރަށުގެ އަންހެންވެރި ރަށުގެ ފިރިހެންވެރިންނަށް ކޯޑި އެއް ހެދުމަށް ބިލެއް އަޅާ ހިސާބުންނެވެ. އެހިސާބުންފެށިގެން ރަށުގެ ކުދިބޮޑު ފިރިހެންވެރިން އަވަސްވެގަންނަނީ އެދުވަހުގެ ހަވީރަށް ހައިބަތު ރަނގަޅު ކޯޑި އެއް ނެރޭށެވެ.
ކޯޑީގެ އޮނިގަނޑު ހަދަނީ ދުނބުރި ގަހުގެ މައިގަނޑުބޭނުން ކޮށްގެން 3 ބުރިއަކަށެވެ. އަދި ކޯޑީގެ މަތީގައި ކަށިކެޔޮފަތުން ހަދާފައިހުންނަ ބޮޑު ދޫންޏަކާއި ވަށައިގެން ފަންވަތްތަކުން ވިޔެގެން ހަދާފައިހުންނަ ކުދި ދޫނި ، ބޮއްޕު ، ބަޖިޔާ،މަސް ކަހަލަ ބައިވަރު އެއްޗެހި އެލުވާފައި ހުރުމުން މި ކޯޑި ވަރަށްވެސް ފުރިހަމަވެފައި ހައިބަތު ބޮޑެވެ.
އަދި އެކޯޑި ރަށުގެ ބޮޑުމަގުގައި ދުއްވުމަށްފަހު އަންހެން ވެރިންގެ ދަނޑީގެ ފުރިހަމަ މަރުހަބާގެ ހަރަކާތަކާއި އެކު ރަށުގެ ބޯޅަދަނޑަށް ވަދެ ރަށުގެ ރައްޔިތުންނަށް ދައްކާލުން ކުރިޔަށްދެއެވެ. އަދި ހަމައެވަގުތު އަންހެންވެރިންގެ ދަނޑި އާއި ފިރިހެންވެރިންގެ ބެރާއި ދެމެދު ވާދަވެރި ހިފުމެއް ކުރިޔަށްދެއެވެ.
މިހިފުމުގެ ތެރޭގައި ބެރުޖަހާ ފިރިހެން ވެރިންގެ ބެރާއި އެއްހަމައިގަ ދަނޑިޖެހުން ހިފެހެއްޓޭތޯ އަންހެންވެރިން ހިތްވަރުކުރެއެވެ. މިއީ މިދުވަހުގެ އެންމެ ހިތްގައިމު ފޯރިގަދަ ހަރަކާތެވެ. އަދި އެންމެ އަވަހަށް ހުއްޓާ ބަޔަކު ބަލިވެއެވެ. އަދި އެއަށްފަހު ފިރިހެން ވެރިން ހެދި ކޯޑި އަންހެންވެރިނަށް ފޮރުވުމުގެ ގޮތުން ދިގުރުކެއްގައި ކޯޑި އެލުވާ އެކޯޑި އަށް ފާރަލައެވެ. ނަމަވެސް ރަށުގެ އަންހެންވެރިން އެކޯޑި ހޯދާ ފިރިހެނަކު ލައްވާއެކޯޑި ކަނޑާލާ އޭގެ ފަންގަނޑު ފޮރުވައެވެ.
އަދި ރަށުގެ ފިރިހެންވެރިންނަށް ގޮވާ އެކޯޑި ފަންގަނޑު ފޮރުވިކަން އިއުލާންކުރެއެވެ. އަދި ހަމައެރޭ ފިރިހެންވެރިން އެފަންގަނޑު ހޯދުމަށް ނިކުމެ ފަތިސްވާންވާއިރަށް ފަންގަނޑު ހޯދާ އެހެންތާކަށް ފޮރުވާ، އަންހެންވެރިންނަށް ގޮވާ ފަންގަޑު ހޯދުމަށް ބުނެއެވެ.
އަދި ފިރިހެންވެރިންގެ ތެރެއިން ކޯޑިކެނޑި މީހާއަކީ ހިޔާނާތްތެރިއެއް ކަމަށް ބަލައި އޭނާ ގެނެސް ރަށުގެ ބޯޅަދަނޑުގައި ބައިންދާ އަދަބުދީ ހަދައެވެ. މި ގޮތަށް މިކަން ހިނގަނީ އަންހެންވެރިން ފަންގަނޑު ހޯދައިގެން ގެނެސް ކަނޑައިދިން މީހާއަށް ހިމާޔަތް ދެންދެނެވެ.
ފަންގަޑު ގެނެއުމާއެކު ފިރިހެންވެރިން ކޯޑިކެނޑި މީހާގެ ގައިގާ ފަންގަނޑު އޮޅާ ރަށުގެ ބޮޑުމަގުގައި ގަންހިންގާ ގެންގޮސް މޫދަށްލައެވެ. އަދި އަންހެންވެރިން އެމީހާނަގައިގެން ގެންގޮސް ފެންވަރުވާ ރީރިކޮށް އިނާމުދީ ހަދައެވެ. މިކަންކަމުގެ ތެރެއިން ފިރިހެންވެރިން އަންހެންވެރިންނަށް ކޯޑިއެއްހަދަން ބިލެއް އަޅާ ، އަންހެންވެރިން ފިރިހެންވެރިންނަށް ދޫންޏެއް ހެދުމެއް ބިލެއްއަޅައެވެ. އަދި ހަމައެދުވަހު އަންހެންވެރިން މެންދުރު ފަހު ކޯޑިއެއްނެރެއެވެ.
އަދި ފިރިހެންވެރިން ބޮޑުދޫންޏެއް ހަދާ ނެރި ރަށުގެ ބޮޑު މަގުގައި ދުއްވާ އަންހެން ވެރިންގެ ދަނޑީގެ ފުރިހަމަ މަރުހަބާގެ ހަރަކާތަކާއި އެކު ރަށުގެ ބޯޅަދަނޑަށް ވަދެ ރަށުގެ ރައްޔިތުންނަށް ދައްކާލުން ކުރިޔަށްދެއެވެ.
އަދި ހަމައެވަގުތު އަންހެންވެރިންގެ ދަނޑި އާއި ފިރިހެންވެރިންގެ ބެރާއި ދެމެދު ވާދަވެރި ހިފުމެއް ކުރިޔަށްދެއެވެ. މިހަރާކާތުގެތެރެއިން އަންހެންވެރިން ފިރިހެންވެރިންނަށް އަދި ފިރިހެންވެރިން އަންހެވެރިންނަށް ސުޓޭޖްގެ ހަރަކާތްތަކަށް ބިލެއް އަޅައެވެ. އެރޭ ސްޓޭޖް ހަރަކާތްތައް ކުރިޔަށް ދެއެވެ.
ޢީދުގެ ފަހުދުވަސް ވެސްފެށެނީ ރަށުގެ އަންހެންވެރިންގެ ރަށުގެ ފިރިހެންވެރިންނަށް ނަވެއް ބަނުމަށް އަޅާބިލެތަކުންނެވެ. އަދި މިނާ ބަންނަނީ ދޮންކެޔޮނިރު އަދި ފަންތޮށި ބޭނުންކޮށްގެނެވެ. އަދި މިނައުބޭލުމުގެކުރިން ކިޔެވެލިބެ ގެނެސް ކިޔަވާ ދުންއަޅާ ގެރިކަތިލާ ހަދައެވެ. އަދި ހަމަ އެރޭ އީދުގެ ވަދާއީ ޝޯ ކުރިޔަށްދެއެވެ. މިޝޯގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޢީދު ޝަރީއަތެވެ.
މި ހުރިހާ ޙަރަކާތްތަކަކީވެސް ރަށުގެ އާދަކާދައާއި ސަގާފަތް ދިރުވައި އާލާކުރުމަށް ބާއްވާ ކުޅިވަރުތަކާއި ހަރަކާތްތަކެވެ. މި ހަރަކާތްތަކުގެ ސަބަބުން ރަށުގެ އެކި އުމުރުފުރައިގެ މީހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެ، ރަށުގެ އާދަކާދަ ޖީލުތަކަށް ވާރުތަވެގެންދެއެވެ.